މޯލްޑިވްސް ޕޮލިސް ސާވިސް

އަތުހަރު މާލެ ގެނައީ 25 އެއްހާ މިނެޓުގެ ތެރޭ

އަންހެނަކު ރަހީނުކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު ދަންޖެހިގެން މަރުވާން މަސައްކަތްކުރުމުން ފަރުވާ ދިނުމަށް މާލެ ގެނައީ ހާދިސާ ހިނގިތާ 25 އެއްހާ މިނެޓުގެ ތެރޭގައިކަން ފުލުހުން އާންމުކުރި ޓައިމްލައިނުން ހާމަވެއްޖެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ކ. ދޫނިދޫގައި އަތުހަރު ހުއްޓާ އޭނާ ދަންޖެހިގެން މަރުވާން މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޓައިމްލައިނުން އެނގޭ ގޮތުގައި ޖަލުގެ ކެމެރާތައް މޮނީޓާ ކުރަމުންދަނިކޮށް އަތުހަރު ދަންޖެހިފައިވާ މަންޒަރު ފެނުނީ ރޭ 19:02 ހާއިރު އެވެ. އަދި ހަމަ އެވަގުތު ވަނީ ޖަލު ގޮޅި ހުޅުވައި އަތުހަރު އެ ތަނުގެ ތިރީގައި ބާއްވާފައިކަން ޓައިމްލައިނުން އެނގެއެވެ.

އެއަށްފަހު އޭނާ ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރެފައިވަނީ 19:05 ގައެވެ. ދޫނިދޫ ހޮސްޕިޓަލަށް އޭނާ ގެންގޮސް، ޑޮކްޓަރު އޭނާގެ ހާލުބަލާފައިވަނީ 19:06 ގައެވެ.

އެމަޖެންސީ ލޯންޗުގައި އަތުހަރު މާލެ ގެނެސްފައިވަނީ 19:14 ގައެވެ. އަދި އަވަސް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިއުމަށް 19:17 ގައި އެމްބިއުލަންސަށް ވަނީ އަރުވާފަ އެވެ. އައިޖީއެމްއެޗްގެ އެމަޖެންސީއަށް އަތުހަރު ވެއްދިއިރު 19:25 ހިނގައިފި އެވެ.

އޭނާއަށް އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓަށް ގެންގޮސް، ވެންޓިލޭޓަރަށް ލާފައިވާކަމަށް ފުލުހުން ރޭ ވަނި މައުލޫމާތު ދީފައެވެ.

ފުލުހުންގެ ޗީފް ސުޕްރިޓެންޑަންޓް އަހްމަދު ޝިފާން ވިދާޅުވީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދޫނިދޫގައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.

އަތުހަރަކީ ކުރިން ވެސް ކުށް ކުރިކަމަށް ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.