މޯލްޑިވްސް ޕޮލިސް ސާވިސް

އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް މާދަމާ ހަދަނީ

އަންހެނަކު ރަހީނުކުރުމުގެ ކުށުގައި ހައްޔަރުކުރި ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ސަލާމަތްކޮށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް މާދަމާ ހެދުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު މިއަދު ހެނދުނު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާދަމާ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.

މާލޭގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.

"މިމައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން އެރޭ ނެރުނު ބަޔާނުގައިވެ އެެވެ.

އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.