އެމްއެންޑީއެފް

މީހަކު ރަހީނުކުރި ދެ ސިފައިން ސަސްޕެންޑުކޮށްފި

މާލޭގެ ގެޔެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމުގައި ބައިވެރިވި ދެ ސިފައިން އެމްއެންޑީއެފްއިން ސަސްޕެންޑުކޮށްފި އެވެ.

މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައިގައި ބައިވެރިވި ދެ ސިފައިންނަކީ ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހާއި ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މައްސަލައިގައި އެ ދެ އޮފިސަރުން ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުންދާތީ ދެމީހުން ވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ރަހީނުކޮށްފައިހުރި މީހާއަށް އަނިޔާކުރުމުގައި ތިން ކުޑަކުއްޖަކު ވެސް ބައިވެރިވެފައިވާ ކަމަށާއި ކަމާ ގުޅޭ އިދާރާތަކާއެކު އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ފަސް މީހުން 30 އަހަރުގެ ޒުވާނަކު ރަހީނުކުރީ މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ. މި މީހާ ރަހީނުކޮށް ގެންގުޅެފައިވަނީ ކުށް ކުރި މީހުންގެ ނަމުގައި މާލޭގައި ކުއްޔަށް ހިފާފައި ހުރި ދެ އެޕާޓްމަންޓެއްގައި މިދިޔަ މެއި 25 އިން މިިދިޔަ ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާ ގިނަ ދުވަހު މީހަކު ރަހީނުކޮށްގެން ގެންގުޅުނު ފަހުން މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ބޮޑެތި އަނިޔާތަކަށްފަހު އަނިޔާ ލިބުނު މީހާގެ މަންމަ، އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ތަނުގެ ޑިއުޓީގައި ތިބި ފުލުހުންނަށް އެ މަންޒަރު ފެނިގެންނެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު މީހާ ބޭނުންކޮށްގެން އޭނާގެ ނުރުހުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމާއި، މި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި ވައަތު ލޮލުގައި ޖަހައި ލޮލަށް ލޭ އަރުވާލާފައިވެ އެވެ. އަދި ވައަތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގައި ހުރި ނަފާހް ފިޔަވާ އެހެން އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަފާހް ބަންދުކުރަން އަމުރުކުރީ ފުލުހުންގެ ތަހުގީގު ނިމެންދެންނެވެ.