މޯލްޑިވްސް ޕޮލިސް ސާވިސް

ސިފައިންގެ މީހަކު ރަހީނުކޮށް ފައިސާ އަތުލަން މަސައްކަތްކޮށްފި

ސިފައިންގެ މީހަކު ރަހީނުކޮށް ފައިސާ އަތުލަން މަސައްކަތްކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ،

މި ހާދިސާ ހިނގާފައިވަނީ މާލޭގައި ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ރަހީނުކުރީ ސިފައިންގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ 37 އަހަރު މީހެކެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއަށް މަގުމަތީގައި އަނިޔާ ކުރުމަށްފަހު، ފައިސާ ނުލިބުމުން މިއަދު ހެނދުނު ވަންދެން އޭނާ ރަހީނުކޮށްފައި ކޮޓަރިއެއްގައި ބޭއްވި އެވެ.

ސިފައިންގެ މީހާއަށް ވަނީ އެކި ވަރުގެ އަނިޔާކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަން ކޮށްފައިވަނީ ހަތް މީހުންގެ ގްރޫޕަކުންނެވެ.

ސިފައިންގެ މީހާ އަތުން އެއްވެސް ފައިސާއެއް ނުލިބުމުން މިއަދު ހެނދުނު ވަނީ ސައިކަލެއްގައި ގެންގޮސް، އައިޖީއެމްއެޗު ދޮރުމައްޗަށް އޭނާ ވައްޓާލާފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ސިފައިންގެ މީހާއަށް އައިޖީއެމްއެޗުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ.