މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމުގައި ސިފައިންގެ ދެ މީހަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެމުން ފުލުހުން ވަނީ މިމައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިމައްސަލައިގައި ތިން ކުޑަކުދިން ބައިވެރިވެފައިވާތީ އެކަންވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެެއްޗާ ގުޅުންހުރި މައްސަލައެއްގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭތީ އެމީހުންނާ ދެކޮޅަށް އެމްއެންޑީއެފް އިން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މައްސަލައިގައި ހިމެނޭ ސިފައިންގެ ދެ މީހުންނަކީ ޒަޔާން އާއި ނަފާހް އެވެ. މައްސަލައިގައި ހިމެނޭ އަނެއް ތިން މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ބައެކެވެ.
މައްސަލައިގައި ހިމެނޭ މީހުން
- އަލީ ސާމީ، ރ.ކަނދުޅުދޫ (24 އަހަރު)
- މުހައްމަދު ނަފާހު، ކ.މާފުށި (23 އަހަރު)
- މުހައްމަދު ނައުޝާން ހުސައިން، ތ.ތިމަރަފުށި (21 އަހަރު)
- އަހްމަދު ޒަޔާން، ލ. ގަން (24 އަހަރު)
- އަހްމަދު ސާއިފު ވަހީދު، ގދ. ގައްދޫ (18 އަހަރު)
ފުލުހުން ބުނި ގޮތުގައި މި ފަސް މީހުން 30 އަހަރުގެ ޒުވާނަކު ރަހީނުކުރީ މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. މި މީހާ ރަހީނުކޮށް ގެންގުޅެފައިވަނީ ކުށް ކުރި މީހުންގެ ނަމުގައި މާލޭގައި ކުއްޔަށް ހިފާފައި ހުރި ދެ އެޕާޓްމަންޓެއްގައި މިދިޔަ މެއި 25 އިން މިިދިޔަ ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާ ގިނަ ދުވަހު މީހަކު ރަހީނުކޮށްގެން ގެންގުޅުނު ފަހުން މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ބޮޑެތި އަނިޔާތަކަށްފަހު އަނިޔާ ލިބުނު މީހާގެ މަންމަ، އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ތަނުގެ ޑިއުޓީގައި ތިބި ފުލުހުންނަށް އެ މަންޒަރު ފެނިގެންނެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު މީހާ ބޭނުންކޮށްގެން އޭނާގެ ނުރުހުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމާއި، މި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި ވައަތު ލޮލުގައި ޖަހައި ލޮލަށް ލޭ އަރުވާލާފައިވެ އެވެ. އަދި ވައަތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގައި ހުރި ނަފާހް ފިޔަވާ އެހެން އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަފާހް ބަންދުކުރަން އަމުރުކުރީ ފުލުހުންގެ ތަހުގީގު ނިމެންދެންނެވެ.