މިނިސްޓަރު އަލީ އިހުސާން

ޖަލުގައި ހިނގާ މަރުތައް އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެ: އިހުސާން

ޖަލުގައި މީހަކު މަރުވެއްޖެނަމަ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކުރާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ އިހުސާން މިހެން ވިދާޅުވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) މަރުވި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މާފުށީ ޖަލުގައި މުހައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ މެންދުރު އެވެ.

"ޖަލުގައި މަރުވާ ކޮންމެ މައްސަލައަކީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މިނިވަންކަމާއެކު ތަހުގީގުކުރާ މައްސަލައެއް،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކުގައި ޝައްކުކުރެވޭ ކަމެއް އޮތްނަމަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް މިނިވަން ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މުހައްމަދު ޖަމީލްގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އާއިލާއިން ހުއްދަދީފި ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަމާގުޅުން ހުރި ހުރިހާ އިދާރާތައް ގުޅިގެން އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަމީލް މަރުވީ "ކާޑިއޯޕަލްމޮނަރީ އެރެސްޓް" އެއްގައި ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ އެވެ. އަދި ޖަމީލް މަރުވީ ސަޖިދައިގައި އޮއްވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑު މަރުވިއިރު އޮތީ ސަޖިދައިގައިކަން ޖަލުގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

"ކަރެކްޝަންސް އިން ސީސީޓީވީ ފުޓޭޖް ތަހުގީގީ އިދާރާތަކަށް ހިއްސާކުރާނެ،" އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ ޖަނާޒާގައި މިނިސްޓަރު އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަމީލުގެ ހަށިގަނޑު ވަޅުލާފައިވަނީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.