ހަބަރު

ގައިދީގެ މަރުގެ ތަހުގީގުކުރަން ގޮވާލައިފި

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ރޭ މަރުވި ގދ. ތިނަދޫ، ސިލްވާ ހަމްޒަތު އަހުމަދުގެ މަރު ތަހުގީގު ކުރުމަށް ގޮވާލައިފި އެވެ. އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

އެނގިފައިވާ ގޮތުގައި ހަމްޒަތު މަރުވީ ސްޓޯރެކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވާން މެދުވެރިވީ އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްކުރުމުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު މިއަދު ވަނީ ފުލުހަށާއި ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއަށް ހަމްޒަތުގެ މަރު ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.

ހަމްޒަތަކީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ އަނތްބަކާއި ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހުވެސް ވަނީ ޖަލުގައި ގައިދީއަކު މަރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަލުގައި މީހުން މަރުވާ އަދަދު އިތުރުވެފައިވާ ކަމަށް ބުނެ، މަދަނީ ޖަމްއިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު ޖަލުގައި މަރުވި ހާދިސާގައި ކަރެކްޝަންސްގެ އިހުމާލުތަކެއް ހުރި ކަމަށް ތުހުމަތު ކުރެވި އެ މައްސަލަ އެޗްއާރުސީއެމްއިން ދަނީ ތަހުގީގު ކުރަމުންނެވެ. ޖަލުގައި ތިބޭ ގައިދީންގެ ބޭސްފަރުވާގެ ކަންކަމާ މެދު އިހުމާލުވަމުން އަންނަ ކަމަށް ގައިދީން އަންނަނީ ކޯޓުގެ ޝަރީއަތްތަކުގައި އެކި ފަހަރު ޝަކުވާ ކުރަމުންނެވެ.