ނައީމާގެ މަރު

ނައީމާގެ މަރު: ފުރަތަމަ ޝަރީއަތް ކެންސަލް

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރާއި ގުޅިގެން ބާއްވަން ތާވަލުކުރި ފުރަތަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ނ. މަނަދޫ އަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ފެހިވިލާގެ، އަހްޒަމް އަބްދުލްޝަކޫރު (23އ) އާއި، ވިނަރެސް، ހުސައިން ފަވާޒު (21އ)ގެ އިތުރުން ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21އ) އެވެ.

މިމީހުންގެ ތެރެއިން އަބްދުލްވާހިދު ރިފާސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި ނަމަވެސް އަޑުއެހުން ކެންސަލްކުރީ މީހުން އުފުލުމަށް ކަރެކްޝަނުން ބޭނުންކުރާ ލޯންޗެއް ހަލާކުވުމުންނެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ލޯންޗް ހަލާކުވީ މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އަބްދުލްވާހިދު ރިފާސްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އަޒްހަމް އާއި އަބްދުލް ވާހިދު އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހިމެނޭ އެކަކު ކުށަށް އިއުތިރާފްވި ނަމަވެސް އޭނާގެ ނަމެއް ޕީޖީ ހާމަކުރައްވާފައެއް ނުވެ އެވެ.