ނައީމާގެ މަރު

ސާމްޕަލް ނެގިން، އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް: ފުލުހުން

މަރުވެފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ކަމަށާއި އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ނައީމާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި މި ރިޕޯޓާ ގުޅިގެން ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކަކާއެކު އޭނާ މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މިއަދު ހަވީރު 5:20ގައި ވަނީ ވަޅުލާފަ އެވެ.

ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ. އޭނާ ދިރިއުޅެނީ ވަކިން ގެއެއްގައި އޭނާ އެކަންޏެވެ.

ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް އެއްވެސް ބަޔަކު އަރާފައިބާނަމަ އެ ބައެއްގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ނައީމާގެ މަރާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.