ނައީމާގެ މަރު

ނައީމާގެ މަރު: ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފި

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 21 އަހަރުގެ މީހެއް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 21 އަހަރުގެ އިތުރު މީހެއްގެ ބަންދަށް 30 ދުވަސްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 21 އަހަރުގެ މި މިހާ ހައްޔަރުކުރީ މާލެއިންނެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫ އިން ހައްޔަރުކޮށް 14 ދުވަހުގެ ބަންދުގެ މުއްދަތު ދިން 23 އަހަރުގެ މީހާ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 23 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.