ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ ގާތިލް ދެނެގަތުމަށްޓަކައި މަނަދޫގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިމަސައްކަތް ކުރަނީ ނައީމާގެ ގާތިލް ހޯދުމަށް ތަހުގީގަށް ކަމަށްވާތީ މަނަދޫ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބައެއްގެ ސާމްޕަލް ނަގަނީ އެއްވެސް މީހަކަށް ޝައްކުކޮށްގެން ނޫން ކަމަށެވެ. ނައީމާގެ މަރާ ގުޅިގެން ފުލުހުންވެސް އަދި ކައުންސިލުންވެސް އެއްވެސް މީހަކަށް ޝައްކު ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ފުލުހުން އެދޭ ގޮތަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައި،" ސޮބީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައީމާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އެދެވޭ މައުލޫމާތެއް ކައުންސިލަށް ނުލިބޭ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ތަހުގީގުގައި އަދި މާބޮޑު ކުރިއެރުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތުގައިވެސް މިވަރުގެ ބޮޑު މަރެއް ހިނގައި މިހާ ގިނަ ދުވަސްވެގެންދާއިރު ގާތިލް ނުހޯދުމަކީ ކައުންސިލްގެ ވެސް އަދި ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަމާ ގުޅިގެން މުޅި ރަށުގައި ބިރުވެރިކަމެއް އެބައޮތް،" ސޮބީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައީމާގެ މަރާ ގުޅިގެން ބައެއް މީހުންނަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެފަދަ މީހުން ދެނެގަނެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކައުންސިލިންގެ ހިދުމަތްދޭ ކަމުގައިވެސް ވިދާޅުވި އެވެ.
ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް އަރާ ފޭބެނީ ފުލުހުންނާއި ކައުންސިލަށް އެންގުމަށްފަހު އެވެ. ނައީމާގެ މަރުގެ މައްސަލަ ފެންމަތިވި ވަގުތުން ފެށިގެން މިއަދާ ހަމައަށްވެސް މަނަދޫއަށް އަރާ ފައިބައި މީހުން ބަނދަރު ސަރަހައްދުން ފުލުހުން ބަލަމުންދާ ކަމަށްވެސް ސޮބީހް ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.