ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މުހައްމަދު ޖަމީލް އިއްޔެ މަރުވީ އެއްވެސް މީހަކު ގަސްދުގައި ދިން އަނިޔާއެއް އަދި ގޯނާއެއްގެ ސަބަބުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރެވުމަށްފަހު މިނިސްޓަރު އިހްސާން ވިދާޅުވީ ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) މަރުވީ އެއްވެސް ފަރާތަކުން ގަސްދުގައި ދީފައިހުރި ގޯނާއެއް ނުވަތަ އަނިޔާއެއްގެ ސަބަބުން ނޫން ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރު ވެފައި ހުރި ޖަމީލްގެ ފޮޓޯތަކަކީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ ފަހުން ހިނަވާގޭގައި އޮއްވާ ނަގާފައި ހުރި ފޮޓޯތަކެއް ކަމަށެވެ. އެ ފޮތޯތަކުން ފެނިގެން ދަނީ އިންސާނަކު މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތައް ކަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވަނީ ޖަމީލު، ޖަލު ގޮޅީގައި ހޭދަކުރި އެންމެ ފަހު ވަގުތުކޮޅު ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ނަފްސާނީ ބައްޔަށް ބޭސް ކުރަމުން ދިޔަ ޖަމީލްގެ އެންމެ ފަހު ވަގުތުކޮޅު ފެންނަނީ ނަމާދު ކުރަމުން ގޮސް ސަޖިދައަށް ދާ މަންޒަރެވެ. ސަޖިދައަށް ދިއުމަށްފަހު އޭނާގެ އެއްވެސް ހަރަކާތެއް އޭގެފަހުން ނުފެނެ އެވެ. އަދި ޖަމީލް ހުރި ގޮޅިއަށް އެ ވަގުތުކޮޅުގެ ތެރޭގައި އެއްވެސް މީހަކު ވަދެ ނިކުމެ ހަދާ މަންޒަރެއް ވެސް ނުފެނެ އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ޖަމީލް ސަޖިދައަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 7:30 އެހާއިރު ކަމަށާއި އޭނާ އެގޮތަށް އޮއްވާ ކަރެކްޝަންސްގެ އޮފިސަރުންނަށް ހަށިގަނޑު ފެނުނީ ހެނދުނު 11:30 ހާއިރު ކަމަށެވެ.
ނޫސްވެރިންގެ މިބަދަލުވުމުގައި ބައިވެރިވިވެވަޑައިގެންނެވި ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ސާމިހު ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޖަމީލްގެ ހަށިގަނޑު ފޮޓޯތަކުން ފެންނަ ބަދަލުތަކަކީ ހަށިގަނޑުގެ ކުލަ ބަދަލުވުމުން ނުވަތަ ބޮޑީ "ޑިސްކަލަރޭޝަން"ގެ ސަބަބުން ފެންނަ ނިޝާންތަކެއް ކަމަށެވެ. އަދި ޖަމީލުގެ މޫނު މަތިން ފެންނަ ނިޝާންތަކަކީ އޭނާ ސަޖިދައަށް ދިޔަ ފަހުން މަރުވެ، ހަށިގަނޑު ގިނަ ވަގުތު އެހެން އޮތުމުން އޭނާގެ ގުނަވަންތަކަށް ލިބިފައި ހުރި ޕްރެޝާ އިން ފެންނަން ހުރި ނިޝާން ތަކެއް ކަމަށްވެސް ވިދާޅުވި އެވެ.