މޯލްޑިވްސް ޕޮލިސް ސާވިސް

ކަރެކްޝަންގެ 13 މުވައްޒަފުން ހައްޔަރުކޮށްފި

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް ހޯދައި ހައްޔަރުކުރުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރި 13 މީހުންގެ ތެރެއިން ނުވަ މީހުން ހައްޔަރުކުރީ މާފުށިން ކަމަށެވެ. ކާށިދޫ އިން ދެ މީހުން އަދި އުތީމާއި މާލެ އިން އެކަކު ހައްޔަރު ކުރި ކަމަށްވެސް ބުންޏެވެ.

ނޫސްވެރިންނާ ރޭ ބައްދަލުކުރައްވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މާފުށި ޖަލުގައި ފުލުހުން ބޭނުންކޮށްގެން އޮޕަރޭޝަނެއް ފެށީ ޖަލުގައިގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ޖަލު އޮފިސަރުން ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ޖަލަށް މަނާ ތަކެތި ވެއްދުމުގައި ޖަލުގެ 18 އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ޖަލު އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އޮފިސަރުންގެ އެކައުންޓްތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމުގައި އެހީތެރިވެ ދީގެން މީގެކުރިންވެސް ޖަލު އޮފިސަރުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް ސީދާ ޖަލު އޮފިސަރުންނަށް ބޮޑު ތުހުމަތެއްކޮށް ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ އޮފިސަރުން ހޯދުމަށް މީގެކުރިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.