މިނިސްޓަރު އަލީ އިހުސާން

ވިސްނުމަކިީ އެންމެ ޖަލެއް ބެހެއްޓުން: އިހްސާން

ސަރުކާރުގެ ވިސްނުމަކީ މިހާރު ހުރި ހުރިހާ ޖަލެއް އެއްކޮށްލުމަށްފަހު މައި އެއް ޖަލު -- ސެންޓްރަލް ޖަލެއް ހެދުން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މައި އެއް ޖަލު ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ. އެހެންވެ މައި އެއް ޖަލު ހެދުމަށްޓަކައި ކަމާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމަށާއި ދިރާސާތަކުން އެއީ ރަނގަޅު ގޮތް ކަމަށް ފެންނަނަމަ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާނެ ކަމުގައިވެސް ވިދާޅުވި އެވެެ.

މިނިސްޓަރު ވިދާޅުވީ ޖަލުތައް މިހާރު އެކި ތަންތަނުގައި ހުރުމާ ގުޅިގެން ގައިދީންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ދަތިވުމާއި ޖަލުތައް ހިންގުމަށް ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން މިވަގުތު ޖަލުތައް ހެދިފައި ހުރީ ރަނގަޅު އުސޫލަކުން ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"މިވަގުތަކީ ޖަލުގައި ބޮލަކަށް ކުރެވޭ ހަރަދު ގާތްގަނޑަކަށް މަހެއްގެ މައްޗަށް 21،000 ރުފިޔާއާއި 30،000 ރުފިޔާއާ ދޭތެރޭގެ ހަރަދެއް ކުރަމުން އެބަގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ މައި އެއް ޖަލު ހެދުމުގެ ބޭނުމަކީ އަމާޒު އެއް ދިމާލަކަށް ބަހައްޓައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން އަދި ހަރަދު ކުޑަ ގޮތަކަށް ހިދުމަތް ދިނުން ކަމަށެވެ. މައި އެއް ޖަލު ހަދާއިރު ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އަދި ޓެކޮނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުން ޖަލު ބަލަހައްޓަން މިހާރު އޮފިސަރުން ތިބި އަދަދަށް މީހުން ބޭނުން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ސެންޓްރަލް އެއްދިމާލަކަށް ފޯކަސް ކުރާއިރު ވަކިވަކިން މީހުން ބެހެއްޓޭ ގޮތަށް މިވަގުތު ބައިނަލްއަގްވާމީ އެންމެ ހައި ސްޓޭންޑަޑާ އެއްގޮތަށް އަޅުގަނޑުމެން މިތަން ފަރުމާކޮށް ޑިޒައިންކޮށް މިކަން ކުރަން މިވިސްނަނީ. މިވަގުތު މީގެ ސްޓަޑީ ހެދެމުން މިދަނީ ކިހާ ވަރެއްގެ ރިކުއާމެންޓޯ އޮތީ. އޭގެ ކެޕޭސިޓީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެން ޑިވެލޮޕްކުރަންޖެހެނީ. މިހުރިހާ ކަމެއް އަޅުގަނޑުމެން މިދަނީ ސްޓަޑީ ކުރަމުން،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައި އެއް ޖަލު ހުރުމުން ޖަލުގައި ތިބޭ މީހުން ރިހިބިލިޓޭޓް ކުރަންވެސް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. ޖަލުގެ ޖާގަތައް މިހާރު ހުރި ގޮތުން ގައިދީން ވަކިވަކި ކޮށްގެން ނުވަތަ ބައިބައިކޮށްގެން ބޭތިއްބުމާއި ރިހިބިލިޓޭޓް ކުރަން ގޮންޖެހުންތައް އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ ކުރިމަގުގައި އަޅުގަނޑުމެން ބައްޓަން ކުރާނީ މިދެންނެވި ކަންކަން އެގޮތަށް ތަރުތީބު ކުރެވޭތޯ. ދިވެހިރާއްޖޭގައި ޖަލަށް ވަދެ ނިކުންނަ ކޮންމެ މީހަކީ ޖަލުން ފަރުވާ ލިބިގެން ޖަލުން ރިހިބިލިޓޭޓް ކުރެވިގެން މުޖުތަމައަށް އަނބުރާ އަންނަންޖެހޭ މީހެއްގެ ގޮތުގައި މުޖުތަމައަށް ގެނައުމަކީ އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ މައި އެއް ޖަލު ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިހާރު ހަދަމުންދާ ދިރާސާ އިން ފެނިއްޖެނަމަ އެ ޖަލު ހަދާނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެއީ ސިއްހީ ފަރުވާދޭ ތަންތަނަށާއި ކޯޓުތަކަށް ގައިދީން އުފުލަންޖެހޭއިރު އެ ތަންތަން ހުރީ މާލެ ސަރަހައްދުގައި ކަމަށްވާތީ މާލެއާއި ދުރަށް ޖަލު ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. މައި ޖަލު އަޅާނެ ތަނެއް ނިންމޭނީ ދިރާސާ ނިމުމުން ކަމަށްވެސް ވިދާޅުވި އެވެ.