ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައިގަތުމަށް މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބަނގުރަލާއި 29 ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެދިގެން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ސިފައިންނާ ވެސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މި ތިން މުއައްސަސާގެ 304 އޮފިސަރުން ބައިވެރިވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި މި އޮޕަރޭޝަންގައި ފުރަތަމަ ހައްޔަރުކުރީ ޖަލަށް ވެއްދުން މަނާ ތަކެތި ޖަަލަށް ވައްދައިދިނުމަށް އެހީތެރިވޭ ކަރެކްޝަންގެ އޮފިސަރުންނެވެ. އެގޮތުން ކަރެކްޝަންގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވެ އެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައިގަތުމަށް ކުރެވުނު މަސައްކަތުން ފެނުނު ތަކެތީގެ މައުލޫމާތުވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޖަލުގެ އަށް ގޮޅިއެއް ފާސްކޮށް ފެނުނު ތަކެއްޗަކީ:
- 29 މޯބައިލް ފޯނު
- 17 ޗާޖަރު
- 12 ހެޑްސެޓް
- 3 ޕެންޑްރައިވް
- 3 އެއާޕޮޑް
- 3 ކޭބަލް
- 2 ސިމް ކާޑު
- 4 ބޮގަރު ފުޅި
ޖަލަށް މަނާ ތަކެތި ވައްދައިދިނުމަށް އެހީތެރިވާ ކަމަށް ކަރެކްޝަންގެ 18 އޮފިސަރަކަށް ތުހުމަތުކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި މިކަމުގައި ބައިވެރިވާ ޖަލު އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އޮފިސަރުންގެ އެކައުންޓްތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޖަލަށް މަނާ ތަކެތި ވެއްދުމުގައި އެހީތެރިވެ ދީގެން މީގެކުރިންވެސް ޖަލު އޮފިސަރުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް ސީދާ ޖަލު އޮފިސަރުންނަށް ބޮޑު ތުހުމަތެއްކޮށް ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ އޮފިސަރުން ހޯދުމަށް މީގެކުރިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.