މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރުންތަކަކަށް ފިޔަވަޅު އަޅައިފި

މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ ފަސް އޮފިސަރަކު ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފިޔަވަޅު އަޅައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ޔުނީފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތް ކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް އަންގަވާފައިވާ ކަމެއް ކަމަށެވެ.

މިގޮތުން އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ އިތުރު ތަފްސީލްތައް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" އިހްސާން ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓް: ނޯޓް: އަވަސްގައި މިރޭ މި ޚަބަރު ފުރަތަމަ ޝާއިއު ކުރިއިރު މޯލްޑިވްސް އިމިގްރޭޝަން ލިޔަންޖެހޭ ތަނެއްގައި "މޯލްޑިވްސް ކަރެކްޝަނަލް ސާވިސް" ޖެހިފައިވަނީ އޮޅުމަކުންނެވެ. ވީމާ އަވަސްގެ ކިޔުންތެރިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައުލޫމާތަށްޓަކައި މިވާހަކަ ހިއްސާކޮށްލަމެވެ. އަދި މިކުށަށް މައާފަށް އެދެމެވެ.