ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގެ ހާލަތު ރަނގަޅު ނޫން ކަން ފާހަގަކޮށް އެ ފެސިލިޓީގައި ހުރި ގިނަ މައްސަލަތަކެއް އެޗްއާރުސީއެމް އިން އާންމުކޮށްފި އެވެ.
ފެސިލިޓީއާ ގުޅޭގޮތުން މީޑިއާތަކުން އާންމުކުރި ޝަކުވާތަކާއި ގުޅިގެން އެޗްއާރުސީއެމުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އެ ފެސިލިޓީއަސް ޒިޔާރަތް ހާލަތު ވަޒަންކޮށްފައެވެ. އެއަށް ނެރެފައިވާ ދެ ހަފްތާގެ ބަޔާނެއްގައި ބުނެފައިވަނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާއި ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލި މީހުންނަށް ފަރުވާ ދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން އެދުމަތި ކޮށްގެން ދޭންޖެހޭ ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ފެސިލިޓީގައި ބަލި މީހުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށްވާއިރު ނަރުހުން މަދުވުމުގެ ސަބަބުންނާއި އަދި ކޮންމެ ދުވަހަކުވެސް އިތުރު މީހުން އެޑްމިޓްކުރަން ޖެހޭއިރު ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ދިނުމުގައިވެސް ލަސްވާ ކަމަށެވެ.
ބަލި މީހުންގެ އާއިލާތަކުން ފޮނުވާ ތަކެތި އެ މީހުންނާ ހަމައަށް ގެންގޮސް ދިނުން ލަސްވާ ކަމަށްވެސް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނަށް ފޯރުކޮށްދެމުން ދަނީ އެންމެ އެކަށީގެންވާ ކެއުން ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"... އޭގެ އިތުރުން ބަލި މީހުން މިހާރު ތަހަންމަލު ކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަން ބައެއް ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރިން ދީފައިވާ މައުލޫމާތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވޭ. މި ފެސިލިޓީއަކި ކޮވިޑް-19 ގެ ބައްޔަށް ޕޮޒިޓިވްވާ މީހުން އެކަނި އެޓްމިޓްކޮށްގެން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލި މީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭ ކަމާއި މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑްތަކުގައި ތިބެން ޖެހުމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަންވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވޭ،"
މީގެ އިތުރުން ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ނަފްސާނީ ގޮތުން އެތައް ކަމެއް ތަހަންމަލު ކުރަން ޖެހޭއިރު އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދޭ ކަމަށާ ފެސިލިޓީ ސާފުކުރުމަށް ފޮނުވާފައިވާ ތިބޭ މުވައްޒިފުންނަށް އެއްވެސް ބަންދެން ނުލިބި 12 ގަޑިިއިރު މަސައްކަތް ކުރުވާ އެ މުވައްޒިފުންނަށް މުސާރަވެސް ނުދޭ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ ފާހަގަކުރެވުނު ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާނެ ކަމަށެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގަމުން ދަނީ އައިޖީއެމްއެޗްގެ ދަށުންނެވެ. ފެސިލިޓީ ހިންގުމުގައި އިސްކޮށް ހުންނެވީ ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯއެވެ.