ޔޫއެން

ޖަލުތަކުގެ ނިކަމެތި ހާލަތާ ގުޅިގެން އދ. ގެ ކަންބޮޑުވުން

Nov 24, 2019
6

ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތުގެ ސަބަބުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ކަމަށް ބުނެ އދ. ގެ މަންދޫބު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އދ. މަންދޫބު ނިލް މެލްޒާ ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖޭގައި މީހުން ބަންދު ކޮށްފައިވާ ތިބޭ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވައިފަ އެވެ. އަދި ލާއިންސާނީ އަނިޔާއާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކުގެ އިސް ބޭފުޅުންގެ އިތުރުން، އެކަންކަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން މުޅި ނިޒާމު ވެސް މެލްޒާގެ ދަތުރުފުޅުގައި ވަނީ ވަޒަން ކުރައްވާފަ އެވެ.

އެ ގޮތުން، ރާއްޖޭގެ މައި ޖަލުތައް ހިމެނޭ ގޮތަށް އެފަދަ 10 މަރުކަޒަކަށް ޒިޔާރަތްކޮށް އޮފިޝަލުންގެ އިތުރުން ގައިދީންނާ ބައްދަލު ކުރައްވާފައިވާކަ މަށް މެލްޒާ މިއަދު ނޫސްވެރިން ގާތު ވިދާޅުވި އެވެ.

މެލްޒާ ވިދާޅުވި ގޮތުގައި، އެތަންތަނުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވުނީ މަރުކަޒުތަކުގެ ޖާގައަށް ވުރެ އެތައް ގުނައެއް އިތުރަށް ގައިދީން ބަންދު ކޮށްފައިވާ މައްސަލަ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ޝަރީއަތް ނިންމެންދެން ބަންދުކޮށްފައިވާ މީހުނާއެކު އެފަދަ މަރުކަޒުތަކުގައި އެބަ ތިބި 150 އާއި 190 ޕަސަންޓާ ދެމެދުގެ އަދަދަކަށް އިތުރަށް ގައިދީން ބައިތިއްބާފައި،" މެލްޒާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، މާފުށީ ޖަލުގައި 655 ފިރިހެން ގައިދީން ބަތިއްބޭނެ ޖާގާގައި 969 މީހުން މިހާރު ވެސް ބަންދުކޮށްފައި އެބަތިބި ކަމަށެވެ.

ޖަލުތަކުގެ ނިކަމެތި ހާލަތު ސިފަކޮށްދެއްވަމުން މެލްޒާ ވިދާޅުވީ، ގިނަ ގައިދީންނަށް އެކަށީގެންވާ މިންވަރަށް ސާފު ވަޔާއި، އިރުގެ އަލިކަން ނުފެންނަ ކަމަށެވެ. ހަފުތާއަކު ގަޑިއެއްހާ އިރަށް ގޮޅިން ބޭރަށް ނެރޭއިރު ވެސް، އެއްވެސް މިންވަރަކަށް ކަސްރަތު ކޮށްލެވޭނެ ފުރުސަތެއް ވެސް ނުދޭކަން މެލްޒާ ފާހަގަ ކުރެއްވި އެވެ.

"އާއިލީ ބައްދަލުވުންތަކަށް މަހަކު އެއް ފުރުސަތު ދޭއިރު، ކޮންމެ ގައިދީއަކަށް ދެނީ ހަތް މިނެއްޓުގެ ދެ ފޯނު ކޯލު. އެއަށްވުރެ އިތުރަށް އަމިއްލަ ހަރަދުގައި ވެސް ފޯނު ކޯލު ކުރުމުގެ ފުރުސަތެއް ނުދޭ،" މެލްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ގައިދީންގެ އަދަދު މަދު އިރު، އިރުގެ އަލި ކަމާއި ސާފު ވައި ނުލިބޭ ގޮތަށް މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ގައިދީންނާމެދު އެފަދަ ނިކަމެތި ގޮތަކަށް އަމަލުކުރުމަކީ ލާއިންސާނީ އަނިޔާ ދިނުން ކަމުގައި ބެލޭނެ ޖާގަ ލިބޭ ކަމަށެވެ.

ކުށްކުރާ ކުޑަކުދީންނަށް ހާއްސަ އިންތިޒާމެއް ބޭނުން

މެލްޒާ ވިދާޅުވި ގޮތުގައި، ކުށްކުރާ ކުޑަކުދީން ބަންދު ކޮށްފައި ބައިތިއްބޭނެ ހާއްސަ މަރުކަޒެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ޖަލުތަކުގައި ކުޑަކުދީންނަށް ހާއްސަ ގޮޅިތަކެއް ހުރި ނަމަވެސް، އެ ކުދީން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި އެ ކުދީންނަށް ތައުލީމާއި، ހުނަރު ދަސްކޮށްދިނުމުގެ އެއްވެސް ޕްރޮގްރާމެއް ނުހިންގެ އެވެ.

"އެފަދަ ކުދީން ބަންދުކޮށްފައިތިބޭ ތަންތަނަކީ އެ ކުދީންގެ އުމުރާ ގުޅޭގޮތަށް ދެވޭ އަދަބެއް ނޫން. އަދި އެފަދަ ކުދީން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި އެމީހުންނަށް ތައުލީމާއި، ތަމްރީން ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭކަން ފާހަގަކުރެވޭ،" ޖަލުތަކުގައި ތިބޭ 18 އަހަރުން ދަށުގެ ކުދީން އަނިޔާގެ ޝިކާރައަކަށްވާކަން ވެސް ފާހަގަ ކުރައްވަމުން މެލްޒާ ވިދާޅުވި އެވެ.

ލާއިންސާނީ އަނިޔާއަށް "ޒީރޯ ޓޮލަރަންސް"

މީގެ ހަ އަހަރު ކުރިން ވުޖޫދަށް އައި އެންޓި ޓޯޗާ ގާނޫނާއެކު އެތަކެއް ސަތޭކަ ޝަކުވާއެއް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވީ ނަމަވެސް، އަދި މިހާތަނަށް އެކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ސަރުކާރުގެ އޮފިޝަލެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވިފައި ނުވާކަން މެލްޒާ ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ އަނިޔާ ކުރާ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވި ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ތަކުރާރުކޮށް ފަސްޖެހެމުންދާތީ، އެފަދަ ކަންކަމަށް އަރައިގަންނަ މީހުނަށް ހިތްވަރު ލިބޭކަމަށެވެ.

އެހެންކަމުން، ލާއިންސާނީ އަނިޔާ ދިނުމާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް" ސިޔާސަތެއް އިއުލާނުކޮށް އެފަދަ އަމަލުތަކަށް އަރައިގަންނަ އޮފިޝަލުންނަށް ހަރުކަށި އަދަބު ދިނުމަށް މެލްޒާ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މެލްޒާގެ ދަތުރުފުޅަށްފަހު އެކުލަވާލާ ރިޕޯޓް ހުށަހަޅާނީ 2021 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށެވެ.