މާފުށި ޖަލުގައި ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށް ހަދާފައިވާ ސްޕެޝަލް މެނޭޖްމަންޓު ޔުނިޓު (އެސްއެމްޔޫ) ގައި ރޭ ދަންވަރު ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ރޭ މާފުށި ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި އެ ޖަލުގެ ކެމެރާތަކަކަށް ގެއްލުން ދީފަވާ ކަމަށެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ޖަލުގައި ރޭ ދަންވަރު ހަމަނުޖެހުމެއް ހިނގި ކަމަށް ވިދާޅުވެފަ އެވެ. އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން ޖަލުގެ މުޅި ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
"އެފަދަ ފަރާތްތަކުގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް މިއަދުވެސް ރޭގައިވެސް އަޅުގަނޑުމެން ހޭލާ ތިބެންޖެހޭ ފަދަ އެތައް ހާދިސާތަކެއް ދިމާވި. އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކަށްޓަކާ،" އިމްރާން ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކޮށް މާފުށީ ޖަލުގައި ހަދާ ހައި ސެކިއުރިޓީ ވިންގްގެ މަސައްކަތް މިއަހަރުގެ ޖޫން-ޖުލައި ހިސާބުގައި ނިންމާލެވޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކުރާ ހައި ސެކިއުރިޓީ ވިންގް ހަދަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި އެފަދަ މީހުން ގެންގުޅޭ ތަންތަން ބަލައިގެން ރާއްޖޭގެ ތަނަވަސްކަން ހުރި މިންވަރުންނެވެ.
ހައި ސެކިއުރިޓީ ވިންގް ހެދުމަށް ލިބުނީ 35 މިލިއަން ރުފިޔާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.