މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށް ޖަލުގައި ތިބޭ ގައިދީން އަނބުރާ މުޖުތަމައުއަށް ނެރުމުގެ ގޮތުން ޑްރަގް ރިހިބިިލިޓޭޝަން (ރީހެބް) ގެ ފަރުވާ ފުރަތަމަ ފަހަރަށް މާފުށީ ޖަލުގައި ފަށައިފި އެވެ.
މިއަދު މެންދުރު މާފުށީ ޖަލުގައި ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ޖުމްލަ 40 ގައިދީންނާއެކު ޑްރަގް ރީހެބް ޕްރޮގްރާމް މާފުށީ ޖަލުގައި މިއަދު ފެށިއިރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ގައިދީންގެ ތެރެއިން އެންމެ ގިނަ ގައިދީން ތިބެނީވެސް މި ޖަލުގަ އެވެ. ޑްރަގް ރީހެބްގެ ފަރުވާ ދިނުމަށް މާފުށީ ޖަލުގެ ޔުނިޓް-8 ހާއްސަކޮށްފައިވާ އިިރު މި ޕްރޮގްރާމް ހިންގުމަށް އަދި ލައިސަންސް ދޫކޮށްފައި ވަނީ ވެސް މާފުށީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރަށް އެކަންޏެެވެ.
ދެހާސް އެގާރަ ވަނަ އަހަރު ފާސްކުރި މަސްތުވާކެތީގެ ގާނޫނުގެ ދަށުން ރިހިބިލިޓޭޝަންގެ ފަރުވާ ޖަލުތަކުގައި ދޭން ޖެހެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ޕްރޮގްރާމް ފެށިފައެއް ނުވެއެވެ.
ކަރެކްޝަންސްއިން ޖަލުތަކުގައި ރީހެބް ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް ނެޝެނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ނެވެ.
މި ޕްރޮގްރާމްގެ ދަށުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށް ޖަލުގައި ތިބޭ ގައިދީންނަށް ޑިޓޮކްސިފިކޭޝަންގެ ފަރުވާއާއި ވަޒީފާގެ އެކި ހުނަރުތައް ދަސްކޮށްދީ ސައިކޯ ސޯޝަލް ސަޕޯޓްދީ އަދި މުޖުތަމައުއަށް އަނބުރާ ގެންނަން ޕްރޮގްރާމްތައް ހިންގާނެ އެވެ.
ކަރެކްޝަންސްގެ ބެލުމުގައި މިހާރު ތިބި ގައިދީންގެ ތެރެއިން 60 ޕަސެންޓް ގައިދީންނަކީ މަސްތުވާކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ގައިދީން ނެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1637 މީހަކު ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.