މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާނީ ކާމިޔާބު ކޮށްފައި ކަމަށް ހޯމް މިނިސްޓަރު އިމްރާަން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް މާފުށި ޖަލުގައި ތައާރަފްކުރުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެން އިންތިހާ ނަފާ ހޯދައި މީހުން އުޅޭ ކަަމަށާއި އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވެސް މި މީހުންގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން އޮތީ މި މައްސަލައަށް ދޫދޭ ގޮތަކަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް ސާބިތުކަމާ އެކު މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ޓާސްކު ފޯސްއެއްް ވެސް އުފައްދަވަައިފައިވާ ކަން އިމްރާން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަހުމަތާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން،" އިމްރާަން ވިދާޅުވި އެެވެ.
މަސްތުވާކެތީގެ ގާނޫނުގެ ދަށުން ގައިދީންނަށް ދޭން ޖެހީ ރިހިިބިލިޓޭޝަންގެ ފަރުވާ މިއަދު މާފުށީގެ ޖަލުގައި ފެށި ފެށުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ މަސްތުވާތަކެތީގެ ވަބާގެ މައްސަލަ ހައްލުކުރުމަށް އެޅޭ އުސް ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ސީދާ އަދި ނުސީދާ ހެޔޮ އަސަރު ރާއްޖޭގެ ކޮންމެ އާއިލާއަކަށް ވެސް ކުރާނެކަމަށެވެ.
"ޖަލުގައި ކަސްތަޅުއެޅުވި، ބިކަވެ، ނިކަމެތިވެ، މާޔޫސްވެފައިވާ އާއިލާތަކާ އުފާވެރި ހަޔާތެއް ލިބިދާނެކަމަށް ތަސައްވަރުވެސް ނުކުރާ އެތައް ޒުވާނަކަށް އިރާދަކުރެއްވިއްޔާ މިއަދު މި ޕްރޮގްރާަމްގެ ސަބަބުން އެ ޒުވާނުންގެ ކުރިމަގު އުޖާލާކޮށް އަލިކޮށްދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.