މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި ރާއްޖެ ހަލާކުވެ ނިމެމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަލީ ނިޒާރު މިހެން ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނިޒާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މުޅި ދައުލަތް ފެއިލް ވެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި ރާއްޖެ ހަލާކުވެ ހަލާކުވެ ނިމެނީ ކަމަށް ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުުގައި ރައްޔިތުން ގޮތް ހުސްވެ ގާނޫނު އަތް މައްޗަށް ނަގަން ފަށައިފި އެވެ.
"ހައްލަށް އޮތް ހުރަހެއް ބުނެ ނުދެވޭ. ވީމާ ޒިންމާ ނަގާނެ ބަޔަކު ތިބެން ވާނެ،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ޓެގް ކުރައްވާ އަލީ ނިޒާރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ. ދެ ޖިންސުގެ އެކި އުމުރުގެ މީހުން މަސްތުގެ ދުނިޔޭގައި ދަނީ ހަލާކު ވަމުންނެވެ.
ސަރުކާރުން ބުނާ ގޮތުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެންމެ ގިނައިން ޑްރަގް އަތުލައިގަތީ މި ވެރިކަމުގައެވެ.