އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމާ ގުޅިގެން ރައްޔިތުން ކުރާ ތުހުމަތުތަކެއް ހުރުމުން އެކަން ބެލުމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ.
އެ މީހާ ހައްޔަރުކުރުމާ އެކު އައްޑޫ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެެއް އުފެދި އެކަމާ ދެކޮޅަށް ވަނީ އިހްތިޖާޖުކޮށްފަ އެވެ.
އިހްތިޖާޖު ކުރި މީހުން ތުހުމަތު ކުރާ ގޮތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ އަކީ ބާރުގަދަ ބަޔަކު ފްރޭމްކޮށް ހައްޔަރުކޮށްފައި އަންހެނެކެވެ.
އައްޑޫގެ ބައެއް ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާގެ ކާފަ އެވެ. އަދި މިހާރު އެ މީހާ އިންޑިއާ އަށް ފުރުވާލާފައި ކަމަށްވެސް ބައެއް މީހުން ބުނެ އެވެ.
މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުންނަށް ދެވެން އޮތް މިންވަރަކުން ރައްޔިތުންނަށް މައުލޫމާތު ދޭން ޖެހޭ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީން ވެސް މިމައްސަލައިގައި އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"މި މައްސަލައިގައި ރައްޔިތުންގެ ތުހުމަތު ތަކަށްވެސް ބަލާލުން ރަނގަޅު،" ހޯމް މިނިސްޓަރު އިމްރާނާއި ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ޓެގް ކުރައްވާ އަލީ ނިޒާރު ކުރެއްވި ޓްވީޓްގައިވެ އެވެ.
ފުލުހުން މިއަދު ބުނީ ހަ އަހަރުގެ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި އާންމުން، ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައްސަލާގައި ހައްޔަރު ކުރި 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓެއް ފުލުހުން ދަނީ ހަދަމުންނެވެ. މީގެއިތުރުން ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެެސެސްމަންޓަކާއި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ މި މައްސަލާގައި ކުރަން ޖެހޭ ތަހުގީގާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.