ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ"ގެ ޓްވިޓާ އެކައުންޓުން އައްޑޫ ސިޓީ ކައުންސިލު ބަދުނާމުކުރަމުންދާއިރު ފިޔަވަޅު ނޭޅުމަކީ ވަޒީރުން ފެއިލްވުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަލީ ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ހިތަދޫގައި އެޕޯލޯ ކުރީގެ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ތުހުމަތުތަކެއްކޮށް "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓުތަކަކަށް ރައްދު ދެއްވަމުންނެވެ.
ނިޒާރު ވިދާޅުވީ "ހަސަން ކުރުސީ"ގެ ނަމުގައި އާންމު ފަރުދުންނާއި ދައުލަތް ބަދުނާމު ކުރަމުންދާއިރު ފިޔަވަޅު ނާޅައި ބަލަން ތިބުމަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ފެއިލްވުން ކަމަށެވެ.
"ހަސަން ކުރުސީ ގެ ނަމުގައި "ވަގު" ޓްވިޓާ ހެންޑްލްއަކުން އައްޑޫ ސިޓީ ކައުންސިލު ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް. މިކަން ކުރާ، ނުވަތަ ކުރުވާ މީހަކީ ދައްޖާލާއި އެއްވަރުގެ ފިތުނަވެރިއެއް،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވަނީ ޓްވިޓާ އެކައުންޓްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލަށް ތުހުމަތުތަކެއްކޮށް "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓުތަކެއްގައި ވަނީ އެޕޯލޯ ގުދަން މިހާރު ކުއްޔަށް ދީފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް ނޫން ކަމަށާއި އިއުލާނާއި ހިލާފަށް ގުދަން ސަބްލީސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވެފައިވާއިރު އެ ޓްވިޓާ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ޓްވީޓް ކުރަމުންދާ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.