މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ފުލުހުންގެ މަސައްކަތް ހަރުދަނާކުރަން އަހަރަކު އެއް ފަހަރު ކޮންފަރެންސެއް

ފުލުހުން ދޭ ހިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި އާންމުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކު "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" އެއް ބޭއްވުމަށް ޕޮލިސް ބޯޑުން ނިންމައިފި އެވެ.

މި ކޮންފަރެންސާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން އަދި ޕޮލިސް ބޯޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ރައްޔިތުންގެ ހިޔާލު ހޯދާ ކުރެވޭނެ މަސައްކަތްތަކެއް ބަލަމުން ދިޔަ ކަމަށެވެ.

މި ކޮންފަރެންސްގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުމެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަސިޓީ، ކޮލެޖްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތައް އަދި އަމިއްލަ ފަރުދުންނަށް މި ކޮންފަރެންސްގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން ކުރާ ދިރާސާތަކާއި އުފައްދާ ފަންނީ އުފެއްދުންތަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މި އަހަރުގެ ކޮންފަރެންސް އޮންނާނީ އަންނަ މާޗު މަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންފަރެންސްގެ ބައިތައް:

  • ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު ނުވަ ދާއިރާއަކުން ދިރާސާ ކަރުދާސް ހުށަހެޅުން.
  • މުޖްތަމައުއާ ގުޅިގެން ފުލުހުންގެ ހިދުމަތް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރުން.
  • ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ތަކެއްޗާއި ހިދުމަތާއި ތަމްރީން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ހިދުމަތް އާންމު ރައްޔިތުންނާއި ހިއްސާކުރެވޭނެ ހާއްސަ އެކްސްޕޯއެއް ބޭއްވުން.

ދިރާސާތަކާ ހުށަހެޅުންތައް ހުށަހެޅޭނެ ދާއިރާތައް:

  • ކްރައިމް ޕްރިވެންޝަން
  • ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަޓެރަރިޒަމް
  • ފައިނޭންޝަލް ކްރައިމްސް އެންޑް އެންޓި-މަނީ ލޯންޑަރިން
  • ސައިބަރ ކްރައިމް
  • ފޮރެންސިކް ސައިންސް
  • ލީޑަރޝިޕް، އޮގަނައިޒޭޝަނަލް ރެސިލިއެންސް، އެންޑް އޮފިސަރ ވެލްބީންގް
  • އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ
  • ޓްރާންސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ
  • އެފިޝަންސީ އެންޑް އިފެކްޓިވްނަސް
  • ރޯޑް ސޭޕްޓީ

މުޖުތަމައުއާ ގާތުން ގުޅިގެން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮންފަރަންސްގެ އެއް ދުވަސް ހާއްސަކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަން މަޝްވަރާ ކުރުމަށްވެސް އެއް ދުވަސް ހާއްސަކުރާނެ އެވެ.

މިގޮތުން މި ދެ ދުވަހުގެ ސެޝަންތަކުގައި އެކުލެވޭނީ ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޕްރެޒެންޓޭޝަންތަކާއި، ދިވެހިރާއްޖޭގައި ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ބެލިދާނެ ރަށެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ޑޮކިއުމެންޓްރީ ޕްރެޒެންޓޭޝަންއަކާއި، މަދަނީ ޖަމުއިއްޔާތަކާއި އަދި ނާޒުކު ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އިދާރާތައް ފަދަ ފަރާތްތަކުގެ ވިސްނުމާއި ތަޖުރިބާގެ އަލީގައި ހިންގާ ޕެނަލް ޑިސްކަޝަންތަކެކެވެ.

ހޯމް މިނިސްޓްރީން ބުނީ މިފަދަ ކޮންފަރެންސްތަކުން މުޖުތަމައުގައި ސިޔާސަތު ކަނޑައަޅާ އިސް ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަދި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.