މޯލްޑިވްސް ޕޮލިސް ސާވިސް

ދެއްވަދޫގައި ފުލުހުންގެ ހިދުމަތް ފަށައިފި

Jan 27, 2022

ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

ދެއްވަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ހިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުން ކަމަށެވެ. ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން، ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުދީ އަދި އެކުގައި މަސައްކަތްކުރުމުގެ މާހައުލު ގާއިމުކުރުން ކަމަށާއި އެއީ މުޖުތަމައެއް އަމާންވެ ރައްކާތެރިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އެކަމަކު ދެއްވަދޫ ކަހަލަ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގައި ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެެވެ. ފުލުހުން ރަށެއްގައި ހަމައެކަނި ތިބެގެން މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ އުއްމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތްތަކުގެ ރަނގަޅު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މިވަނީ ފަށާފައި. ރަށުގެ މުޖުތަމައާއި ކައުންސިލުު އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ އޮނިގަނޑުން މަގުފަހިކޮށްދޭނެ،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލް ރައީސްއާއި ދެއްވަދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.