އިމްރާން އަބްދުﷲ

ހަރުކަށި ފިކުރުގެ މީހުންނަށް އިދާރާތަކުގައި ޖާގައެއް ނެތް: މިނިސްޓަރު

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކުގައި ހަރުކަށި ފިކުރުގެ މީހުނަށް ޖާގައެއް ނޯންނާނެ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން ހައްޔަރު ކޮށްފައިވާ ލ. ގަން / ދުންފިނިއުފާ، އަހްމަދު ފާތިހު މީގެ ކުރިން ފުލުހުންގެ އިދާރާގައި މަސައްކަތް ކޮށްފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ސުވާލެއް ކުރެއްވުމުންނެވެ.

އިމްރާން ވިދާޅުވީ ފާތިހު މަސައްކަތް ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގައި ކަމަށެވެ.

"އޭނާ [ފާތިހު] ވަކިވުމާ ހަމައަށް އޭނާ ކިބައިން އެފަދަ [ހަރުކަށި ފިކުރުގެ] އެއްވެސް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަކަށް އަޅުގަނޑަށް އެނގިފައެއް ނުވޭ،" ފާތިހުއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފާތިހުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވެސް ކަންތައްތަކެއް ބަލަމުންދާ ކަމަށެވެ. އަދި ޓެރަރިޒަމަށް ވާގިވެރިވާ މީހުނަށް ޖާގަ ލިބެން ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް ކަމާ ގުޅޭ ރިވިއުއެއް ހަދާ ކަމަށެވެ.

ހޯމް މިިނިސްޓްރީގައި އިސް ބޭފުޅުންގެ ގޮތުގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އުޅޭ ކަމަށް ވިދާޅުވެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ކުރެއްވި ތުހުމަތަށް ވެސް މިނިސްޓަރު ވަނީ ޖަވާބު ދެއްވާފަ އެވެ. ވިދާޅުވީ ހަރުކަށި ފިކުރުގެ އެއްވެސް މީހަކަށް ހޯމް މިނިސްޓްރީގައި މަސައްކަތް ކުރަން ފުރުސަތެއް ނެތް ކަމަށާއި އެ ޖާގަ ނުދެއްވާނެ ކަމަށެވެ.

"އެކަމަށްޓަކައި [ހަރުކަށި ފިކުރާ ދެކޮޅަށް] މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ރާވާ އަޅުގަނޑުމެން ދައުލަތުގެ އެހެން މުއައްސަސާތަކާ އެކުގައި ގުޅިގެން އަދި އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކާ ވެސް ގުޅިގެން ހަރުކަށި ފިކުރުގެ ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރެވޭތޯ މިނިސްޓްރީން ވަރަށް ބުރަ މަސައްކަތްތަކެއް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަޅުގަނޑު ދަންނަވަން،" ތުހުމަތުތަކުގެ ހަގީގަތް ހާމަކޮށްދެއްވަމުން ވިދާޅުވި އެވެ.

ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން ހަރުކަށި ފިކުރުގެ މީހަކު ޖަލުގެ ވެރިޔަކަށް ވުރެ ވެސް ބާރުގަދަކޮށް އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ އިލްޔާސް ވިދާޅުވި މައުލޫމާތު ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ޖަލުގައި ބާރުގަދަކޮށްގެން ނުފޫޒު ހިންގަން އުޅޭ ގައިދީން އުޅޭ ކަމަށް އެއްބަސްވެވަވަޑައިގެންނެވި އެވެ. އަދި ރައީސް ނަޝީދުގެ މައްސަލައިގައި ހައްޔަރުކުރި އެއްވެސް މީހަކަށް ޖަލުގައި ބާރުދައްކައިގެން ނޫޅެވޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ޖަލުގެ ތެރޭގައި ނުފޫޒު ހިންގާ އެގޮތަށް ކަންކަން ކުރާ މީހުން އެބައުޅޭ. އެކަންކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން. އެހެންނަމަވެސް ސީދާ މިމައްސަލައާއި ގުޅިގެން ބަންދުކުރި އެއްވެސް ފަރާތަކަށް ޖަލުގެ ތެރޭގައި އެގޮތަކަށް ބާރުގަދަކޮށް އުޅޭކަށް ފުރުސަތެއް ނޯންނާނެ. އަދު ނުވެސް ނެތް" އިމްރާން ވިދާޅުވި އެވެ.