އައްޑޫސިޓީގައި ކުށްކުރުން އިތުރުވެ އާންމު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާތީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އަނެއްްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އައްޑޫގައި ކުށްކުރުން ގިނަވެފައިވާތީ މީގެ މަހެއްހާ ދުވަސް ކުރިންވެސް މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
އައްޑޫގެ އާންމު ހާލަތާ ގުޅޭގޮތުން އަވަސްއާ ވާހަކަދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް އައްޑޫގައި ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
އައްޑޫގައި ކުއްލި ގޮތަކަށް ވައްކަމުގެ މައްސަލަތައް އިތުރުވި ސަބަބެއް ކަމަށް މޭޔަރު ގަބޫލުކުރައްވާ ސަބަބު ވެސް ހިއްސާކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވީ ކުރިން ޖަލުގައި ތިބި ބަޔަކު އައްޑޫއަށް ދޫކޮށްލާފައިވާ ކަމަށާއި ވައްކަމުގެ މައްސަލަތައް އިތުރުވެގެން އުޅެނީ އެމީހުން އިސްވެ ތިބެ އެކަން ކުރާތީ ކަމަށެވެ.
"މީގެ ތެރޭގައި ހަތަރު ފަސް މީހަކު އެބައުޅޭ. މިއީ ހަމަ އިސްކޮށް މިކަމުގައި އުޅޭ ބައެއް،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅޭ ޒުވާނުން އިތުރުވެ އެ މައްސަލައަށް ހައްލެއް ނުލިބި ޒަމާންތަކެއް ފާއިތުވެ ދިއުމަކީ މޭޔަރުގެ ހައިސިއްޔަތުން ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އައްޑޫގައި ހިނގަމުންދާ ކުށްތަކަށް އަރައިގަންނަ ގިނަ ޒުވާނުންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމަށްވެސް މޭޔަރު ފާހަގަކުރައްވާފައިވެ އެވެ.
"އެހެންވީމާ ފުރަތަމަ ކަމަކަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދައިގެން ނޫން ގޮތަކަށް ހާލަތު ބަދަލުކުރެވިދާނެ ކަމަކަށް ނުފެނޭ. އަޅުގަނޑުމެން ކައުންސިލުން މިދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލައަށް ހައްލެއް ލިބޭތޯ ބަލަމުން،" ނިޒާރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އައްޑޫގެ ކުށުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އައްޑޫއަށް ފުލުހުންގެ އަދަދު އިތުރުކޮށް ފުލުހުންގެ މަސައްކަތް ފުޅާކޮށްފައިވާ ކަމަށެވެ. އައްޑޫގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަންތައް ވެސް އިތުރުކޮށްފައިވާ ކަމަށާއި ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނިޒާރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުރި ސެންޓަރަކީމައްސަލައިގެ ހައްލަށް މުހިއްމު މަރުކަޒެއް ކަމަށެވެ. މަސްތުވާތަކެތީގެ ހާލަތު އައްޑޫގައި ރަނގަޅުކުރުމަށްޓަކައި އެފަދަ އިތުރު މަރުކަޒުތައް އައްޑޫގައި ގާއިމުކުރުމަކީ ވަރަށް މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.