އައްޑޫ ސިޓީ

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

Jun 1, 2023

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.

މަރުވެފައިވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ ޝުވައިބް (27 އ) އެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ.

މަރުވި ޒުވާނާ މަރުވީ ހަމަލާއާއި ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މަރުވި ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދިނީ އޭނާގެ ކޮއްކޮ ކަމަށާއި އޭނާ ފިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެ އެެވެ.