އައްޑޫ ސިޓީގެ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، މިމައްސަލައިގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ދީފި އެވެ.
ފޭރުމުގެ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުރަަތަމަ ހައްޔަރުކުރީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާގެ ބަންދަށް ކޯޓުން މިއަދު ވަނީ 30 ދުވަސް ދީފަ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ފިހާރައަކަށް ވަދެ އެ ތަނުގައި ސޭޓަކަށް ހުރި ބިދޭސީ ފިރިހެނަކަށް ވަޅިންނާއި ލަކުނޑި ބުރިއަކުން ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯ އިން މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ސޭޓަށް ބިރު ދެއްކުމުގައި ދެ ފިރިހެނަކު ހަރަކާތްތެރިވާތީ ފެނެ އެވެ. އަދި އެ މީހުން ބޭނުންވާ ތަކެތި ދިނުމަށް ދެކޮޅު ހަދާނަމަ ކަރަށް ވަޅި ޖަހާނަމޭ ބުނާ އަޑު ވީޑިއޯ އިން އިވެ އެވެ.
މި ދެ މީހުން ސޭޓަށް ބިރު ދެއްކުމަށްފަހު ކައުންޓަރުން އެއްޗެހި ތަކެއް ނަގައިގެން ދުވެފައި ފިލާ މަންޒަރު ފެނެ އެވެ. އަދި އެ މީހުންގެ ފަހަތުން ފިހާރައިގެ ސޭޓު ވެސް ދުވެފައި ނިކުމެގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
ފޭރުނު ތަކެތީގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ފޭރުމުގައި އުޅުނު ދެވެނަ މީހާ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.