ލިޔުނީ: ޖަޒްލާ މުހައްމަދު
އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭގައި ގެޔަކަށް ވަދެ ހިންގި މަރާމާރީއާއި ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި ހަތަރު މީހުންނަކީ އުމުރުން 18 އަހަރާއި 20 އަހަރާއި 23 އަހަރު އަދި 21 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.
މިމާރާމަރީއާ ގުޅިގެން ކޯޓު އަމުރުގެ ދަށުން މިދިޔަ ހޯމަ ދުވަހުވެސް އުމުރުން 22 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އަދި ހަމަ މިމައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހުވެސް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ފިރިހެނުންނެވެ.
އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ..
އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހިސްޕިޓަލްގަ އެވެ.
މާލެއާއި އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި މާލެ އިން އައްޑޫއަށް އިތުރު ފުލުހުންވެސް މިހާރު ވަނީ ފޮނުވާފަ އެވެ.