އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާ ކަމަށެވެ. އެއީ 19 އަހަރުގެ ދިވެހި ފިިހެނެކާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލާގައި އިތުރު ބަޔަކު ހިމެނޭ ކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން އެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރޭޕްގެ އަނިޔާގެ ޝިކާރައަށްވި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އެ އަންހެން މީހާ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްއަށް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން ވިކްޓިމްގެ ސައިކޮލޮޖިކަލް އެސަސްމަންޓް ހެދުމަށް ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އަންހެންމީހާ ރޭޕް ކުރި މައްސަލާގައި އެރަށު ބަޔަކު ވަނީ އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އަދި ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ދެ މީހުން ހިފަހައްޓައި، އެ ކަމަށް އިއުތުރާފްވި ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވެއެވެ.
ޖިންސީ ގޯނާއާއި ރޭޕް ކުރުން ފަދަ ޖިންސީ ކުށުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ދަނީ ފެންމަތިވަމުންނެވެ. އެފަދަ މައްސަލަތައް ބެލުމާއި އިންސާފު ލިބުން ލަސްވާ ކަމުގެ ކަންބޮޑުވުންތައް އިތުރުވެ، ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް އިހްތިޖާޖް ކުރުން ވެސް ގިނަވެފައިވެ އެވެ.