ޖިންސީ ފުރައްސާރަ

ހެކި ނެތިގެން ފަޒީލްގެ މައްސަލަ ފައިލްކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ތުހުމަތުވި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަ ދޫކޮށްލައި ފައިލް ކޮށްފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީލްގެ މައްސަލައިގެ ތަހުގީގުގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. މައްސަލަ ފައިލް ކުރި ވަކި ދުވަހެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފަޒީލްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާކާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން ފަޒީލް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައިދޭން އޭނާ ފުލުހުންގެ އިދާރާގައި އެދި ވަޑައިގެންނެވި ކަމަށެވެ. އޭނާގެ އުމުރުން 17 އަހަރުގައި ކުރި ކަމަށް ބުނާ ކުށުގެ އެ ތުހުމަތަށް އިންކާރު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އޭރު އަޅުގަނޑަކީ ސޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން. އަޅުގަނޑުގެ ކިބައިން އުނދަގުލެއް ނުތަނަވަސް ކަމެއް ލިބިފައިވާ ފަރާތެއް ހުރިނަމަ އެ ފަރާތެއްގެ ކިބައިން ނުހަނު މައާފަށް އެދެން. އަދި އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހެޅުން އެދެން" ފަޒީލް ވިދާޅުވެފައިވެ އެވެ.

ފަޒީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ، އެމްއާރްއެމްގެ މެންބަރެކެވެ. އެހެން ކަމުން ފަޒީލްގެ މައްޗަށް އައި ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އެމްއާރްއެމުން ވެސް ފުލުސް އިދާރާގައި އެދުނެވެ.