ހަބަރު

ކުޑަކުއްޖަކާ "އިނދެގެން" އުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Jul 5, 2020
3

ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެން އުޅެނިކޮށް ހައްޔަރުކުރި ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު އައްޠަފް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އުމުރުން 23 އަހަރުގެ އައްޠަފް އިނދެގެން ކަމަށް ބުނެ ގެންގުޅުނު ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތު އޭނާއަށް ކުރެ އެވެ. އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ވަނީ ދީފަ އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޠަފްގެ އިތުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކޮށް އެ ކުއްޖާ ބަނޑުބޮޑުވި މައްސަލާގައި އެހެން މީހަކު ވެސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އަދި 10 އަހަރުގެ ދޮންދަރިއާ ބެހުނު މީހަކާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ބްލެކްމެއިލްކޮށް ރޭޕްކުރި މީހަކު ވެސް ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފައިވެ އެވެ.