ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.
ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ މަޑުއްވަރީއަށް ނިސްބަތްވާ އެ ރަށު ސްކޫލުގެ ޓީޗަރު މުއީން ހަސަނެވެ. އޭނާއަކީ މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އަދި ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ވެސް ކިޔަވައިދޭ ޓީޗަރެކެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މުއީން ހަސަން ސަސްޕެންްޑް ކުރީ ރޯދައިގެ ކުޑަ ދުވަސް ކޮޅެއް ކުރިން ކަމަށެވެ.
މުއީން ހަސަނާ ގުޅޭގޮތުން މަޑުއްވަރީ ސުކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފަރާތުން މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އަހްމަދު ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ކަހަލަ ޝަކުވާ ތަކެއް ކަމެއް އަދި ބަލަނީ ކޮން ކަހަލަ މައްސަލައެއް ކަމެއް ވެސް އަހްމަދު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
"އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިނިސްޓްރީން އިދާރީ ގޮތުން ބަލަމުންދާ މައްސަލައެއް ބަލައި ނިމެންދެން،" އަހްމަދު ވިދާޅުވި އެވެ.
އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.
މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެންނެވެ. ކުއްޖާ އެތަނަށް ގެންދިޔައީ ސަސްޕެންޑް ކޮށްފައި ހުރި ޓީޗަރު ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލާގައި ފުލުހަކު ހިމެނޭ ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހަކު ބައިވެރިވެފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް އެނގިފައި ނުވާ ކަމަށް އެންއައީސީން ވަނީ ބުނެފަ އެވެ.
މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، ޖެންޑާ މިނިސްޓްރީއާއި، ފުލުހުންގެ އިދާރާ އިން ވެސް ގެންދަނީ ބަލަމުންނެވެ. ރޭޕްގެ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ. އެކަމަކު އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ގޮވާލައި، މަޑުއްވަރީގައި ތިބޭ ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ 10 މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. ފަހުން ވަނީ އެމީހުން ވެސް ދޫކޮށްލާފަ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތާއި އެ ކުދިން ނިސްބަތްވާ ރަށުގެ ނަން ހާމަ ކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޑުއްވަރީ ރޭޕްގެ މައްސަލައިގައި އެރަށުގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ މިހާރު ވަނީ ގެންގޮސްފަ އެވެ.