ހަބަރު

ރޭޕްގެ މައްސަލަ: ފުލުހުން އަމަލުކުރި ގޮތް ބަލަން އެންއައިސީގައި އެދިއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގީނާ ކުރި މައްސަލައެއްގައި، ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، ފަހުން ދޫކޮށްލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށްދޭން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި އެދިއްޖެ އެވެ.

އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށް އެދިވަޑައިގެން އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނަށް ސިޓީއެއް ފޮނުއްވީ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް އެވެ. އޭނާ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

އުޝާމް ފޮނުއްވި ސިޓީގައި ވަނީ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކަންކަން ކޮށްފައި ވަނީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް ކަން މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ކަމަށެވެ. މި މައްސަލާގައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ފުލުހުން އަމަލު ކުރަމުން އަންނަނީ ބައެއް ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކަމަށް ވެސް ތުހުމަތު ކުރެވެމުން އަންނަ ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

އެހެންކަމުން މި މައްސަލާގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށް ޓަކައި އެ މައްސަލަ ތިޔަ ކޮމިޝަނުން އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން ކޮމިޝަނުން މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

މި މައްސަލާގައި އެންއައިސީން މަސައްކަތް ކުރަމުންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވެސް އެޖެންޑާކޮށްފައިވެ އެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް އެޖެންޑާކޮށްފައިވެ އެވެ. އެ ބައްދަލުވުންތައް އޮތީ މާދަމާ އެވެ.

އެންއައިސީގެ ސަމާލު ކަމަށް މި ކަން ގެނެސްފައިވާއިރު، އެ ކޮމިޝަނަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އޮންނަ ކޮމިޝަނެކެވެ.