މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ދޫކޮށްލުމުގައި ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދެކެވޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ގޯނާގެ ޝިކާރައަށްވީ އަންހެން މީހާގެ އެތައް ހައްގަކަށް އުނިކަމެއް އައިސްފައިވާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް، ފަހުން ކުއްލި ގޮތަކަށް ދޫކޮށްލުމުގައި ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު މި މައްސަލަ ނުބެލިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް އޮތުމުން މަޖިލީހުގެ މެންބަރުންގެ ހިޔާލު ހާމަ ކުރެއްވުމުގެ ގޮތުން މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.
މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި މައްސަލާގައި ހިމެނެނީ "ނުފޫޒު" ގަދަ ބައެއް ކަމަށް ބުނެ، އެ މައްސަލަ ނުބަލަން ފުލުހުންގެ އިސްވެރިން އަންގާފައިވާ ކަމަށް ވާހަކަތައް ދަނީ ފަތުރަމުންނެވެ. މީގެ އިތުރުން އަނިޔާ ލިބުނު އަންހެން މީހާއާއި ހަވާލާދީ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ތަފާތު ހަބަރުތައް ފަތުރަމުންނެވެ.
ނަމަވެސް ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދަން އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާއާ ހަވާލާދީ ނޫސްތަކުގައި ލިޔަމުންދާ ހަބަރުތައް ވެސް ފުލުހުން ދޮގުކުރި އެވެ. ފުލުހުން ބުނި ގޮތުގައި އެއްވެސް ނޫހަކަށް އެ އަންހެން މީހާ އިންޓަވިއު ދީފައެއް ނުވެ އެވެ.
މި މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ހުށަހަޅުއްވައިފަ އެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެ މައްސަލަ ދިރާސާކުރަން އެޖެންޑާކޮށްފައިވެ އެވެ.