އައްޑޫ ސިޓީ

އައްޑޫގެ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި ފޭރުމުގެ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" މައްސަލައިގެ ތަފްސީލް ނުދީ ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގެ ހިތަދޫ ފިހާރައަކަށް ވަދެ އެ ތަނުގައި ސޭޓަކަށް ހުރި ބިދޭސީ ފިރިހެނަކަށް ވަޅިންނާއި ލަކުނޑި ބުރިއަކުން ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯ އިން މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސޭޓަށް ބިރު ދެއްކުމުގައި ދެ ފިރިހެނަކު ހަރަކާތްތެރިވާތީ ފެނެ އެވެ. އަދި އެ މީހުން ބޭނުންވާ ތަކެތި ދިނުމަށް ދެކޮޅު ހަދާނަމަ ކަރަށް ވަޅި ޖަހާނަމޭ ބުނާ އަޑު ވީޑިއޯ އިން އިވެ އެވެ.

މި ދެ މީހުން ސޭޓަށް ބިރު ދެއްކުމަށްފަހު ކައުންޓަރުން އެއްޗެހި ތަކެއް ނަގައިގެން ދުވެފައި ފިލާ މަންޒަރު ފެނެ އެވެ. އަދި އެ މީހުންގެ ފަހަތުން ފިހާރައިގެ ސޭޓު ވެސް ދުވެފައި ނިކުމެގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.

ފޭރުނު ތަކެތީގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. އަދި ބިރު ދެއްކުމުގައި އުޅުނު ދެވެނަ މީހާއާ މެދު ފުލުހުން އަމަލުކުރި ގޮތެއްވެސް އަދި ނޭނގެ އެވެ.