އައްޑޫ ސިޓީ

އައްޑޫ މާރާމާރީ: ހަތިޔާރުތަކެއް ހޯދައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފި އެވެ.

ފުލުހުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓަ އެވެ.

އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެ އެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި ފުލުހުންގެ އިންޓެލިޖެންސް ހަރަކާތްތެރިވެފައިވެ އެވެ.

އައްޑޫ ސިޓީގައި މިމަހުގެ އެއްވަނަ ދުވަހާއި ތިންވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އެގޮތުން ތުހުމަތުކުރެވޭ ގޮތަށް ގްރޫޕް ހަދައިގެން އެއްވެ ތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައްވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.