މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މާރާމާރީ: ހައްޔަރުކުރި 10 މީހުން ޝަރީއަތް ނިމެންދެން ބަންދު

އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ގެޔަކަށް ވަދެ ހިންގި މަރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 10 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހައްޔަރުކޮށްފައި ތިބި 10 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ހުކުރު ދުވަހު ހިންގީ މާރާމާރީއާ ގުޅިގެން 10 މީހުން ހައްޔަރުކުރީ ތިން ދުވަހުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ފިރިހެނުންނެވެ. އަދި މިދިޔަ ހޯމަ ދުވަހު އުމުރުން 22 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރި އެވެ. އަދި މިމައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ އުމުރުން 18 އަހަރާއި 20 އަހަރާއި 23 އަހަރު އަދި 21 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހުކުރު ދުވަހު ހިންގި މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހިސްޕިޓަލްގަ އެވެ.

އައްޑޫގައި ކުއްލިއަކަށް މާރާމާރީގެ މައްސަލަތައް އިތުރުވުމާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު މާލެ އިން އައްޑޫއަށް އިތުރު ފުލުހުން ފޮނުވައި އައްޑޫގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފުލުހުން ގެންދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަނުގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ހޯދާފައިވެ އެވެ.

އައްޑޫގައި އޮޕަރޭޝަން ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެންނެވެ.