އިމްރާން އަބްދުﷲ

"ޑުރަގް ވިޔަފާރި ކުރާ ސިޔާސީ މީހުން އެނގޭ"

މަސްތުވާތަކެތީގެ ވިޔަފާރިން ފައިދާ ހޯދާ ސިޔާސީ ފަރާތްތައް އެނގި ވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން މިއަދު 315 ކިލޯގެ މަސްތުވާތަކެތި ނައްތާލަން ދޫނިދޫގައި ބޭއްވި ހަރަކާތުގެތެރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތެކީގެ މައްސަލައިގެ ނާޖައިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކުތަކެއް ރާއްޖޭގައި ހިނގާ ކަމަށެވެ. އެ ވިޔަފާރީގައި ހަރަކާތްތެރިވާ ސިޔާސީ ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެއީ ކޮން ބައެއްތޯ ސުވާލު ކުރުމުން މިނިސްޓަރު އިމްރާން ތަފުސީލެއް ނުދެއްވި އެވެ. އެކަމަކު އެމީހުން އާއްމުން ދެނެގަންނަން ޖެހޭ ކަމަށާއި އެފަދަ މީހުނާ ހެދި ދައުލަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ މެމްބަރަކު ޝާމިލްވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ހަމައަށް ފޮނުވަން، އެގޮތަށް ދައުވާ ކުރަނީ ކޮން ބަޔަކަށް ކަން ރައްޔިތުން އެބަ ސަމާލުކަން ދޭންޖެހޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.