އިމްރާން އަބްދުﷲ

ޑްރަގުގެ ނުރައްކާ ގަބޫލު ކުރަންޖެހޭ: އިމްރާން

Nov 6, 2021
1

މަސްތުވާތަކެތީގެ ސަބަބުން އުފެދިގެންދާ ކުށްތަކާ އެކު މުޖުތަމައަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަން ގަބޫލުކޮށް މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ށ. ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އަތޮޅު ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން މިއަދު އޮތް އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅި މުޖުތަމައަށް ފޯރައިގެން ދިއުމަކީ ރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމުގައި ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ތެރެއިން އުފެދިގެންދާ ކުށްތަކުން އަރައިގަނެވޭނީ ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމުގައި ދެވަނަ ގޮތެއް ނެތް. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތްތައްވެސް މިއަދު ބައްޓަންކުރަމުންދަނީ ފުލުހުންނާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަަސައްކަތްކުރާ އަވަށްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ކަމަށެވެ. އެމަސައްކަތް ރަނގަޅު ގޮތުގައި ދިއުމުން ރަށުގައި އުފެދިގެންދާ ތަފާތު ހާލަތްތައް ކުށަކަށް ބަދަލުވެގެން ދިއުމުގެ ކުރިން ގާނޫނީ ގޮތުން ހައްލުތަކެއް ހޯދޭނެ ކަމަށެވެ.

ފޭދޫގައި ގާއިމުވެ މަސައްކަތް ކުރާ ފުލުހުންވެސް ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން ހިދުމަތް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. އޭރުން ކޮންމެ ރަށަކީ ވެސް ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ އާބާދީ ބޮޑެތި ރަށްތަކުގައި ހިނގާ ކުށްތައް އެހެން ރަށްތަކަށް ތައާރަފްވެގެން ދަނީ ހަލުވިމިނެއްގައި ކަމަށެވެ. ޓެކްނޮލޮޖީ އާއި ދަތުރުފަތުރުގެ ނިޒާމާއި ދިރިއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ފަރާތްތައް ކުށްތަކަށް އަރިގަންނަ ގޮތްތައް ބަދަލުވަމުން ދިއުމަކީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަލީ ރަޝީދު އިތުރަށް ވިދާޅުވީ ފޭދޫ އަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފޭދޫގައި ފުލުހުން ގާއިމްވެ ތިބުމަކީ އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ފޭދޫގައި މީގެކުރިން ފުލުހުންގެ ހިދުމަތް ދެމުންގެންދިޔައީ އެ ރަށުގައި މައްސަލަ ދިމާވުމުން ށ. ފޯކައިދޫން ފުލުހުން ފޭދޫ އަށް ގޮސްގެންނެވެ.