މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ކުށްވެރިންގެ ފައިގައި ޓެގު އަޅުވަން ފަށައިފި

Jun 24, 2023

ޖިނާއީ އަދުލުގެ ބޭނުމަށް މީހުން މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބައިގައި ގާއިމުކޮށް ކޯޓު އަމުރެއްގެ ދަށުން ޓެގު ބޭނުންކުރަން ފަށައިފި އެވެ.

އަނެއްކާވެސް ޓެގު ބޭނުންކުރަން ފަށާފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޒަމާނީ ވަސީލަތްތަކާއެކު މި ނިޒާމު މިހާރު ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނަމަވެސް ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި "މޮނިކޮން" ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އަނެއްކާވެސް ޓެގް އަޅުވަން ފަށާފައިވާއިރު ފުރަތަމަ ޓެގު އަޅުވާފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ ފައިގަ އެވެ.

ޝަރުތުތަކަކާއެކު އަހަނދު ދޫކޮށްލީ މިދިޔަ ބުދަ ދުވަހު އެވެ.