ހަބަރު

ކަނޑަށް އެއްލާލި ޒުވާނާއަށް ހަމަލާ ދިނީ އެކަކު: އިމްރާން

Nov 26, 2019
2

ދޯންޏެއްގައި ހިންގި މާރާމާރީއެެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ޒުވާނާއަށް ހަމަލާދީފައިވަނީ އެންމެ މީހެއް ކަމަށާއި، ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހާމަކުރައްވައިފި އެވެ.

ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީ އެވެ. 26 އަހަރުގެ އެ ޒުވާނާއަށް ހަމަލާދިން މައްސަލަ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިމްރާން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ވަޅިން ހަމަލާދިން މީހާ ކަމަށެވެ. ތަހުގީގުން މިހާތަނަށް ހޯދި މައުލޫމާތުން އެނގެނީ ހަމާލާދިން ވަގުތު ދޯނީގައި އުޅުނު ގިނަ މީހުން ތިބީ ނިދާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯނި ގެނެސްފައި ނުވާ ކަމަށެވެ.

"އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން. އަޅުގަނޑު ހިތުން މިހާ ވަރަށް ހާމަ ކުރެވުނީމަ، ތަހުގީގު ކުރެވެމުންދާ މައްސަލައަށް އެކަށީގެންވާ ޖަވާބެއް ކަމަށް ގަބޫލުކުރަނީ،" އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާންގެ ޖަވާބާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭކަމަށް ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ކަން ހިނގި ގޮތް އެއްކޮށް ސާފުވާނީ ދޯނީގައި ދެން ތިބި މީހުންނާ ވެސް ސުވާލުކޮށްގެން ކަމަށެވެ.

ނަމަވެސް އިމްރާން ތަކުރާރުކޮށް ވިދާޅުވީ ދޯނި "ހައްޔަރު ކުރަން ޖެހޭ" ސަބަބެއް އޮތް ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިތުރު މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ތަހުގީގަށް އެކަކު ހައްޔަރުކުރަން ފެނިފައިވާތީ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކަތިވަޅި ޖެހި އިރު، ދޯނީގައި ދެން ތިބި މީހުން ނިދާފައި ތިބި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެންމެ މީހަކު ހައްޔަރުކޮށްގެން ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ އެހީތެެރިކަމާއެކު ޒަހަމްވި ޒުވާނާ މިހާރު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.