ގޭންގްތަކާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެއްވެސް މީހަކާ އަރާ ހަމަކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ދިގު މުއްދަތަށް ޖަލަށް ހުކުމްކޮށްފައި ތިބި ގިނަ ބަޔަކު އަދަބު ލުއިކޮށް ޖަލުން މިނިވަންވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާއި އެނގުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ ކުށުގައި ބައިވެރިވާ މީހުންގެ އަދަބު ލުއި ނުކުރާނެ ކަމަށެވެ.
"ރާއްޖޭގައި ހާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގްތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެ ގޮތެއް އިރާދަކުރެއްވިއްޔާ މެދުވެރިއެއް ނުވާނެ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެސް މީހަކާ އަރާ ހަމަކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް ދަންނަވާލަން ބޭނުން މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" އިމްރާން ވިދާލުވި އެވެ.
އިމްރާން ވިދާޅުވީ ގޭންގްތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އެކަމާ އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.
"އޭގެ ތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއް ނުވާނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ދާދިފަހުން ހިނގާފައިވާ ބޮޑެތި މައްސަލަތައް އިތުރަށް ދިރާސާކުރަމުން ގެންދާ ކަމަށެވެ.