ރައްޔިތުންގެ މަޖިލިސް

ކުށްކުރާ ފުލުހުންނަށް ފިޔަވަޅު އަޅާ ކަނޑާލާފައިވާނެ: އިމްރާން

ކުށްކުރުމުގައި ބައެއް ފުލުހުން ބައިވެރިވާ ކަމަށާއި އެފަދަ ފުލުހުންނަށް ފިޔަވަޅު އަޅާ ކަނޑާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ކުށްތަކުގައި ފުލުހުންގެ ބައިވެރިވުން އޮންނަ ކަމަށް އަޑުއިވޭ ކަމަށް ވިދާޅުވެފަ އެވެ. ކުށްތަކުގައި ފުލުހުން ބައިވެރިވޭތޯ އަދި ފިޔަވަޅު އަޅާފައިވޭތޯ އާމިރު ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ އަތުން ސޮއިކޮށް އެތައް ފުލުހުންނެއް ކަނޑާލާފައިވާ ކަމަށާއި އަދަދު ހާމަކުރަންޖެހޭ ނަމަ އެ އަދަދު ހާމަ ކުރައްވާނެ ކަމަށެވެ.

ކުށުގައި ފުލުހުން ބައިވެރިވާ މިންވަރާމެދު ޝައްކު އުފެދުމުން ބައެއް ފުލުހުން ޑިމޯޓްކޮށް ބައެއް ފުލުހުންގެ ޔުނިޓު ބަދަލުކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"އެންމެ ސީރިއަސްކޮށް އަޅުގަނޑު ބަލާއެއްކަންތައް އެއީ ފުލުހުންގެ ތެރޭގައި އެފަދަ ކަމަކަށް އަރައިގަންނަ އެއްވެސް މީހަކު ހުރިތޯ ބެލުން." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކުށުގައި ފުލުހުން ބައިވެރިވާކަން އެނގިވަޑައިގެންފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ކައުންސިލްތަކާ ބައްދަލުވާއިރުވެސް ދަންނަވަން ތިބޭފުޅުންނަށް ވަކި ފުލުހަކު މީގެ ކަމެއްގައި ޝަމިލުވާކަން ސީދާ އެނގޭނަމަ އެހެން ފަރާތަކަށް ނާންގާ ސީދާ އަޅުގަނޑަށް އަންގާށޭ. އަޅުގަނޑު އަމިއްލައަށް ބަލާފައި އެކަމަށް ފިޔަވަޅު އަޅާނަމޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކުށުގައި ފުލުހަކު ބައިވެރިވާކަން އެނގޭނަމަ އެކަން ހިއްސާކުރެއްވުމަށް އިމްރާން ވަނީ އެދިވަޑައިގެންފަ އެވެ.