ބޮޑެތި އަދަބުތަކަކާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން ހުށަހެޅި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަތުމަށް ފާސްވީ ވޯޓު ދެއްވި 42 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެކެވެ. އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫއަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭ ގޮތް މޮނިޓަކޮށް ފިޔަވަޅު އެޅުމަށް ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީ މި ބިލްގެ މަގުސަދެއް ކަމަށް ބިލްގައިވެ އެވެ.
ބިލުގައި ވަނީ އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެ އިތުރުން އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެ ނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާ އާއި 7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ހަމައެހެންމެ ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000 ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ.