އިމްރާން އަބްދުﷲ

ޑްރަގު މައްސަލަތަކުގައި ހައްޔަރު ކުރާ ހިސާބުން ޕްރެޝަރު އާދޭ: އިމްރާން

Nov 27, 2019
4

މަސްތުވާތަކެތީ މައްސަލަތަކުގައި މީހުން ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން އެދި ގިނަ ފޯނު ކޯލްތަކެއް އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހާމަ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރު ދައްކަމުންދާ ކަމަށްބުނެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިމްރާންގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މިއަދު ހާޒިރު ކޮށްފައިވާއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް މިހާރުވެސް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް، ޒަމާނުއްސުރެ ރާއްޖޭގައި އޮތް އެ މައްސަލައަށް އެކަށީގެންވާ މިންވަރަށް ހައްލެއް ހޯދުމަކީ އަދިވެސް ވަރަށް ދުރުގައި އޮތް ކަމެއް ކަމުގައި އިމްރާން ވިދާޅުވި އެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ގިނަ ކަންތައްތައް ހިމެނޭކަން ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ބައެއް ފަރާތްތައް ހައްޔަރު ކުރުމުން، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފޯނު ކޯލުތައް އަންނަން ފަށާ ކަމަށެވެ.

"ބައެއް މީހުން ހައްޔަރުކުރާ ހިސާބުން މައްސަލައިގެ އައިއޯ [އިންވެސްޓިގޭޓިންގް އޮފިސާ] އަށް ކޯލުތައް އަންނަން ފަށާނެ. އަޅުގަނޑަށް ދެއްތޯ އެނގޭނީ ސީދާ އަޅުގަނޑަށް ފޯނު ކޯލުތައް އަންނަ ވަރު. ދިހަ ބާރަ ފަހަރު ގުޅައި އެތަކެއް ޕްރެޝަރުތައް ކުރިމަތިވޭ،" ޑްރަގު މައްސަލަތަކުގައި ހައްޔަރުކުރާ ބައެއް މީހުންނާ ވޯޓުދޭ އާއިލާތަކާއި، ސިޔާސީ އެކި ބޭފުޅުންނާ އޮންނަ ގުޅުމަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

ނަމަވެސް، އަމިއްލަ އާއިލާގެ ތެރެއިންވިޔަސް، ކިތަންމެ ޕްރެޝަރެއް އައިކަމުގައި ވީނަމަވެސް، ފުލުހުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުޑަކޮށް ވެސް ދޫނުދެއްވާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ޔަގީންކަންދެއްވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ބައްޕައަށް ވެސް ދަންނަވާފަ އޮންނާނީ މައްސަލައަކާ ގުޅިގެން އަޅުގަނޑު ގާތަށް ވަޑައިނުގަންނަވައްޗޭ. މިހާރުވެސް އާއިލާގެ ތެރެއިން އެކަހަލަ ކަމެއްގެ ތެރޭގައި އަޅުގަނޑު މިއުޅެނީ. އެކަމަކު މިއަދު އަޅުގަނޑު ޔަގީންކަންދެން، މައްސަލައެއްގައި އަޅުގަނޑު ދުލެއް ނުކުރާނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، އޭނާ ދޫނުދެއްވި ނަމަވެސް، މައްސަލަބަލާ ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރަށް އެފަދަ ނިންމުމެއްގެ މަތީގައި ހުންނަން އުނދަގޫވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މަސްތަކުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މުޖުތަމައުގެ ތެރޭގައި ގައުމީ ފެންވަރުގައި ޕްރޮގްރާމުތަކެއް ހިންގަން ޖެހޭ ކަމަށެވެ. މިހާތަނަށް އެފަދަ ގައުމީ ސްޓްރެޓަޖީއެއް ނެތްކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ އެ މަސައްކަތް މިހާރު ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ.