އަބްދުﷲ ރަޝީދު

އަބްދުﷲގެ މަރު: ތަހުގީގީ ނަޒަރަކުން ބަލާއިރު ކަން ހިނގި ގޮތް ތަފާތު

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ތަހުގީގީ ނަޒަރަކުން ބަލާއިރު މުޅިން ތަފާތުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާނާއި ސުވާލު ކުރައްވަން ހުޅުވާލި ފުރުސަތުގައި ގދ. މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިމްރާންއާއި ސުވާލު ކުރައްވާފަ އެވެ.

"އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އެބައޮތްތޯ؟ އެއްވެސް ފިޔަވަޅެއް އޮތިއްޔާ އެ ފިޔަވަޅެއްގެ ތަފްސީލް ދެއްވަފާނަންތޯ،" ފިރުޝާން ސުވާލު ކުރެއްވި އެވެ.

ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބެއްލެވި ކަމަށާއި އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓެއް ހޯއްދެވި ކަމަށެވެ. ނަމަވެސް މިއަދުގެ ސުވާލާ ގުޅުން ހުރި ސުވާލަކަށް ނުވާތީ ތަފްސީލު ގެނެވިފައި ނެތް ކަމަށް ވިދާޅުވެ އިތުރު ޖަވާބެއް އިމްރާން ނުދެއްވަ އެވެ.

އިމްރާން ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ފިރުޝާން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އިތުރަށް ސުވާލު ކުރައްވާފަ އެވެ.

ފިރުޝާން ވިދާޅުވީ އެކަން ހިނގާ ދިޔައީ އޭނާގެ ލޯ ކުރިމަތީގައި ކަމަށާއި އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެއްވެސް ފަރާތަކަށް އަޅާފައިވާނެ ތޯ އަނެއްކާވެސް ސުވާލު ކުރައްވާފަ އެވެ.

ކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް ފެނުނުގޮތާއި ތަހުގީގުގައި ފާހަގަވި ކަންކަން ވަރަށް ތަފާތު ކަމަށް އިމްރާން ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ފެންނާނީ ތިބޭފުޅުންގެ ކުރިމަތިން ގެންދެވުނު ހިސާބާ އެވަގުތުގައި ކަން ހިނގާ ދިޔަ ގޮތް. އޭގެ ކުރީ ބަޔާ އޭގެ ފަހުބައި އަޅުގަނޑަކަށް ސީދާ ދަންނަވާކަށް ނޭނގެ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާފަ އޮތް ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ތަހުގީގުގައި ދެ ފަރާތުން ކަން ހިނގާ ދިޔަގޮތް ބެލި ކަމަށާއި މެދު ތެރެއިން ކަން ހިނގާ ދިޔަގޮތަށް ބަލައިގެން އެވަރުގެ ނިންމުމެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އޭނާ މަރުވި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. އެންއައިސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.