މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންތަކަކަށް ދައުވާކުރަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް އެންއައިސީގެ ތަހުގީގުގައި ވަނީ ކަނޑައަޅާފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އެންއައިސީ އިން ދައުވާކުރަން ބޭނުންވާ ފުލުހުންގެ މައްޗަށް ތުހުމަތުކުރަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ގިނަ ފުލުހުންތަކެއްގެ ބަޔާން ނެގި ނަމަވެސް އެންއައިސީ އިން ދައުވާކުރަން ބޭނުންވަނީ ކިތައް ފުލުހުންނަށް ކަމެއް ސާފެއް ނުވެ އެވެ.
އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ލޯންޗަކަށް އަރުވާފައި ހުއްޓަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އަބްދުﷲ މަރުވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ގާނޫނުގެ ދަށުން ޖިނާއީ ތަހުގީގެއް ފުލުހުންނާ ގުޅިގެން ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
މައްސަލައިގެ ތަހުގީގު ކުރިއިރު އިސް އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރީ އެންއައިސީ އެވެ. މި ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަހުގީގަށް އެހީތެރިވެ ދިނުމެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.
އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ އާއިލާ އިން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ. ޕޯސްޓްމޯޓަމް ހަދައިފިނަމަ އަބްދުﷲގެ ހަށިގަނޑާއި ހަވާލު ނުވާނެ ކަމަށްވެސް އާއިލާއިން އޭރު ބުންޏެވެ.
ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށާއި އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް އަބްދުﷲގެ އާއިލާއިން ސިވިލް ކޯޓަށްވެސް އެ ދުވަސްވަރު މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ އޮކްޓޫބަރު 30 ވަނަ ދުވަހު ނިންމީ އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަބްދުﷲގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އަބްދުﷲ ލޯންޗަށް އަރުވާފައި ހުއްޓާ މެޔަށް ތަދުވެގެން އެވާހަކަ ފުލުހުން ކައިރީ ބުނި ކަމަށެވެ. ނަމަވެސް ފުލުހުން އެއީ "ޑްރާމާއޭ" ބުނެ ފަރުވާ ދިނުން ލަސްކުރީ ކަމަށެވެ.
އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.